ލ.އިސްދޫގައި ހުންނަ ޒަމާންވީ މަތިމަގު ފެންވަޅު މަރާމާތުކުރުމަށް ހަވާލުކުރުން

ލ.އިސްދޫގައި ހުންނަ ޒަމާންވީ މަތިމަގު ފެންވަޅު މަރާމާތުކުރުމަށް ޒަރީސް ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ. މިގޮތުން 55 ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 34900 ރުފިޔާ އަށެވެ. މިއެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައިސް އަލްފާޟިލް އާދަމް ނަސީމެވެ. އަދި ޒަރީސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިޔުޓީ ޑައިރެކްޓަރ އަލްފާޟިލް މުޙައްމަދު މަޢުސޫމެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި މަސައްކަތުގެ ދާއިރާއާއި ގުޅުންހުރި ކައުންސިލަރ ކައުންސިލް މެމްބަރ އަލްފާޟިލާ އާމިނަތު ޖޫލިޔާވެސް ބައިވެރިވެލެއްވިއެވެ.

ލ.އިސްދޫ މަތިމަގު ފެންވަޅަކީ ޒާމާނުއްސުރެ އިސްދޫގެ ރައްޔިތުން ފެން ބުއިމަށް ބޭނުންކުރަމުން އައި ފެންވަޅެކެވެ. މިގޮތުން ރަށްރަށުގައި ފެންތާނގީއާއި ފެންނެގުމަށް ފެންހަން ބަހައްޓަންފެށުމުގެ ކުރިން ރަށުގެ ރައްޔިތުންގެ އެންމެހައި ބޭނުންތަކަށް ބޭނުންކުރާ ފެންނަގަމުންގެންދިޔައީ މިފެންވަޅުންނެވެ. ދާދިފަހަކާއި ޖެހެންދެން މިވަޅު ބޭނުންކުރަމުން ގެންދިޔަނަމަވެސް މިފަހުންވަނީ ވަޅުކައިރިން ބަރުވެހިކަލްތައް ދުއްވައިހެދުމުގެ ސަބަބުން ވަޅުގެ ކައިރިން ފަސްތައްދޫވެ ވަޅު ބިންގަނޑުގެ ތެރެއަށް ގަނބައިގަނެފައެވެ. އެހެންކަމުން ކައުންސިލްގެ މިހާރުގެ ވިސްނުމަކީ މިފެންވަޅު ހިމާޔަތްކޮށް ފަހުގެ ޖީލުތަކަށް މިތަރިކަ ފެންނާނެހެން ބެހެއްޓުމެވެ.