ހައްދުންމަތީ އިސްދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙް ކޮށްފި

ހައްދުންމަތީ އިސްދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙް ކޮށްފިއެވެ. ވެބްސައިޓް އިފްތިތާޙް ކޮށްފައިވަނީ ކައުންސިލްގެ ކޮންފަރެންސް ރޫމްގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މިގޮތުން މިރަސްމިއްޔާތުގައި ވެބްސައިޓް އިފްތިތާޙް ކޮށްދެއްވައި ރަސްމިއްޔާތު ސަރަފުވެރިކޮށްދެއްވީ ލ.އިސްދޫ ކަލައިދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މޫސާ ނާޒިމްއެވެ.

ކައުންސިލްގެ ވެބްސައިޓް ހެދުމަކީ 2022 ން 2026 އަށް އެކުލަވާލެވުނު ތަރައްޤީ ޕްލޭންގައި ހިމެނި އަދި 2022 ވަނަ އަހަރުގެ ކައުންސިލްގެ ބަޖެޓްގައި ހިމަނައިގެން ކުރެވުނު މުޙިއްމު މަސައްކަތެކެވެ.

ރަސްމިއްޔާތުގައި ސަރަފުވެރި މެހުމާނު ދެއްކެވި ވާހަކައިގައި ކައުންސިލްގެ ފަރާތުން މިފަދަ މުޙިއްމު މަސައްކަތެއް ކުރެއްވުމާއި ގުޅިގެން ހިތްވަރު ދެއްވައި އަދި ވެބްސައިޓްގެ މަސައްކަތްތައް ނުހުއްޓޭނޭގޮތަށް ދެމެހެއްޓެނިވި ގޮތަށް ތަރައްޤީކޮށް ކުރިޔަށް ގެންދިޔުމުގެ މުޙިއްމުކަން ފާހަގަކުރެއްވިއެވެ. މިރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ޚަލީލް ދެއްކެވި ވާހަކައިގައި މިފަދަ މަސައްކަތެއް ކުރުމުގެ މުޙިއްމުކަމާއި އަދި މިކަން ކުރުމަށް ވިސްނުން ގެންގުޅުއްވި ގޮތާއި ގުޅޭގޮތުން އަލިއަޅުވާލައި ވާހަކަ ދެއްކެވިއެވެ. މިގޮތުން މިފަދަ ވެބްސައިޓެއް އިފްތިތާޙްކޮށް ކައުންސިލްގެ ނިންމުންތަކާއި ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތައް ރައްޔިތުންނަށް ހާމަކުރުމަކީ ލާމަރުކަޒީ ޤާނޫނުންވެސް ކައުންސިލްތަކާއި މަތިކުރެވިފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ކައުންސިލްގެ މެމްބަރުންނާއި، ކައުންސިލްގެ މުވައްޒަފުންގެ އިތުރުން ލ.އިސްދޫގައި ހުރި ސަރުކާރުގެ އެކިއެކި މުވައްސަސާތަކުގެ ވެރިންނާއި އެމުވައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ. ރަސްމިއްޔާތު ނިމިގެން ދިޔައީ ރަސްމިއްޔާތުގެ ބައިވެރިންގެ ސަރަފުގައި ކައުންސިލްގެ އަންހެން މުވައްޒަފުން ދެއްވި ފަރިއްކޮޅަކުންނެވެ.