ކައުންސިލް ޕްރީސްކޫލުގެ ފުރަތަމަ މަދަހަ މުބާރާތް ބޭއްވުން
ކައުންސިލް ޕްރީސްކޫލްގެ ފުރަތަމަ މަދަހަ މުބާރާތް ބާއްވައިފިއެވެ. އިސްދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލްގައި މިއަދު މިމުބާރާތް ކުރިޔަށް ގެންދެވުނީ ދެދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދަންފަޅީގައި ދަރިވަރުން މަދަހަ ހުށަހެޅުން ކުރިޔަށް ގެންދެވުނުއިރު ދެވަނަ ދަންފަޅީގައި ކުރިޔަށްދިޔައީ މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމުދިނުމުގެ ރަސްމިއްޔާތެވެ. މުބާރާތުގައި ޕްރީސްކޫލްގެ ދެކުލާހަކުން ޖުމްލަ 30 ދަރިވަރުން މަދަހަ ހުށަހެޅިއެވެ.
ކައުންސިލް ޕްރީސްކޫލްގެ ފުރަތަމަ މަދަހަ މުބާރާތް ކުރިޔަށް ގެންދެވުނީ އިސްދޫ ސުކޫލްގެ އިސްލާމް ޑިޕާރޓްމަންޓްގެ އިސްލާމް ކުލަބްގެ ވަރަށްބޮޑު އެހީތެރިކަމަކާއިއެކުން ފާހަގަކޮށްލަމެވެ. މުބާރާތް ރާވައި ހިންގުމުގައި އިސްލާމްކުލަބްގެ ފަރާތުންވަނީ ވަރަށްބޮޑު އެހީތެރިކަމެއް ދެއްވާފައެވެ. މިގޮތުން މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ އިސްލާމް ކްލަބުގެ ކޯޑިނޭޓަރ އަލްފާޟިލް އަބުދުލް މަޖީދު މުޙައްމަދާއި، އިސްލާމް ޑިޕާޓްމަންޓްގެ ކޯޑިނޭޓަރ އަލްފާޟިލް މުޚްތާރު ޙުސައިން އަދި އިސްލާމް ކްލަބުގެ މެމްބަރ އަލްފާޟިލާ އާމިނަތު ވިރުދާ އެވެ.
މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމަށް ކުރިޔަށް ގެންދުވުނު ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިސްދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ޚަލީލެވެ. މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ދަރިވަރުންނަށް ބަލާއިރު ބޭބީ ނާސަރީއިން 3 ވަނަ އަށް ޢާސިޔަތު އާޔަތު ވަސީމް ހޮވުނުއިރު ދެވަނައަށް ހޮވުނީ ޒީވާ ބިންތި އަޙްމަދު ފަރުޚާނުއެވެ. އަދި ބޭބީ ނާސަރީއިން ފަޚުރުވެރި އެއްވަނައަށް ހޮވިފައިވަނީ އާމިނަތު އިމްޝާ އިމްރާން އެވެ. ނާސަރީއިން 3 ވަނަ އަށް މުޙައްމަދު ނިޔަމް ޢަލީ ހޮވުނު އިރު ދެވަނައަށް ވަނީ ދެދަރިވަރަކު ހޮވިފައެވެ. މިގޮތުން ދެވަނަ އަށް ހޮވިފައިވާ ދެދަރިވަރުންނަކީ ފާތިމަތު ޝައިނާ ޙުސައިން އަދި ފާތިމަތު ޒައިނީ މުޙައްމަދު ފަރިޔާޟްއެވެ. މިގްރޭޑުން ފަޚުރުވެރި އެއްވަނަ ޙާސިލްކޮށްފައިވަނީ ނިކްހާ ބިންތި ނަޝީދުއެވެ.
ރަސްމިއްޔާތުގައި ޝަރަފުވެރި މެޙުމާނު ދެއްކެވި ވާހަކަފުޅުގައި މުބާރާތުގައި އިސްދޫ ސްކޫލުގެ އިސްލާމް ކުލަބްގެ ފަރާތުން ދެއްވި އެހީތެރިކަން ފާހަގަކުރައްވައި އިސްދޫ ސްކޫލާއި އިސްލާމް ކުލަބުގެ ވެރިންނާއި މެމްބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން މުބާރާތް ކާމިޔާބު މުބާރާތަކަށް ހެދުމަށް ކައުންސިލްގެ ހީވާގި މުވައްޒަފުން ރެޔާއި ދުވާލު ކުރި ބުރަ މަސައްކަތް ފާހަގަކޮށް މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ. އިނާމު ދިނުމުގެ ރަސްމިއްޔާތުގެ އިތުރުން މުބާރާތް ކުރިޔަށް ދިޔައިރު ރަށުގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.