ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާއިބެހޭ ޤާނޫނު ނަންބަރު 2010/7 ގެ 109ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކައުންސިލުން ރައްޔިތުންނާއިއެކު ބާއްވަންޖެހޭ ބައްދަލުވުންތަކުގެ ތެރެއިން ޖުލައިމަހު ރައްޔިތުންނާއިއެކު ބޭއްވުމަށް ލާޒިމްކުރާ ބައްދަލުވުން ބާއްވައިފިއެވެ. މިބައްދަލުވުންއޮތީ ޖުލައި މަހުގެ 29 ވީ ހުކުރުދުވަހުގެރޭ 20:30 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.

މިބައްދަލުވުމުގައި ކުރިޔަށް ގެންދެވުނު ކަންކަމުގެ ތެރޭގައި 2022 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ކައުންސިލް ހިނގައިދިޔަ ގޮތުގެ ރިޕޯޓް ހުށަހެޅުމާއި 2023 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލު ހުށަހެޅުމާއި އަދި 2023 ވަނަ އަހަރަށް ލަފާކުރާ ކައުންސިލްގެ ބަޖެޓް ހުށަހެޅުން ހިމެނެއެވެ. މިގޭ އިތުރުރުން މިބައްދަލުވުމުގައި ރައްޔިތުންގެ ސުވާލުތަކަށް ކައުންސިލަރުން ވަނީ ޖަވާބުދެއްވާފައެވެ. އަދި މިބައްދަލުވުމުގައި ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ޚަލީލް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރަމުންގެންދާ ބައެއް ކަންކަމަށް ޢާއްމު ބައެއް ފަރާތްތަކުން ގަސްދުގައި ގެއްލުންތައްދެމުން ގެންދާކަން ފާހަގަކުރައްވައި މިގޮތަށް މިފަދަ ކަންކަން ނުކުރުމަށް ރައްޔިތުންނަށްވަނީ އިލްތިމާސް ކުރައްވާފައެވެ.

 

މީގެ އިތުރުން ރަށުގެ ތަރައްޤީއަށް ސަރުކާރުންނާއި ކައުންސިލުންހިންގަމުން ގެންދާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްސާ ކުރެއްވިއެވެ. އަދި ރައްޔިތުންނާއިއެކު ބޭއްވޭ މިފަދަ ބައްދަލުވުންތަކުގެ މުޙިއްމުކަމާއި މިފަދަ ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުން ފާހަގަކޮށް ރައްޔިތުންނަށްވަނީ ޝުކުރުއަދާކޮށްފައެވެ. މިބައްދަލުވުން ނިމިގެން ގޮސްފައިވަނީ ޤައުމީ ސަލާމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *