އިސްދޫގައި އޭޒޯން ލައިސަންސް ޚިދުމަތާއި އިސްރައްވެހިންގެ ޚާއްސަ ލައިސަންސް ދޫކުރަން ފެށުން
އިސްދޫގައި އޭޒޯން ލައިސަންސް ދޫކުރުމުގެ ޚިދުމަތާއި އިސްރައްވެހިންނަށް ދޫކުރާ ޚާއްސަ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ފެށިއްޖެއެވެ. މިކަމަށްޓަކައި 23 ޖުލައި ގައި އިސްދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިޔުޓީ މިނިސްޓަރ
އަލްފާޟިލް މުޙައްމަދު އަވާދު އަޔާޒުއެވެ.
މިރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާއި، އިސްދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ޚަލީލްއާއި، ކައުންސިލްގެ މެމްބަރުންނާއި، މުވައްސަސާތަކުގެ ވެރިންނާއި އަދި އާއްމު ރައްޔިތުން ވަނީ ބައިވެރިވެލައްވާފައެވެ.
މިރަސްމިއްޔާތުގައި އިސްދޫގައި އޭޒޯން ލައިސަންސް ޚިދުމަތް ފެށުމުގެގޮތުން އެންމެ ފުރަތަމަ މިޚިދުމަތް ދޫކުރެވުނު ހަތަރު ފަރާތަށްވަނީ ޑިޖިޓަލް ލައިސަންސް ހަވާލުކޮށްފައެވެ. މިފަރާތްތަކަށް ލައިސަންސް ހަވާލުކޮށްދެއްވައި މިޚިދުމަތް އިފްތިތާހް ކޮށްދެއްވީ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާނު ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަލްފާޟިލް މުޙައްމަދު އަވާދު އަޔާޒުއެވެ.
މީގެއިތުރުން މިރަސްމިއްޔާތުގައި ވަނީ މުޅިރާއްޖެއަށް އަލަށް ފަށާ ޚިދުމަތެއްކަމުގައިވާ އިސްރައްވެހިންނަށް ދޫކުރާ ޚާއްސަ ލައިސަންސް ދޫކުރުމުގެ ޚިދުމަތްވެސް އިސްދޫގައި ފަށާފައެވެ.
މިޚިދުމަތްވެސް އިފްތިތާހްކޮށްދެއްވައި އެންމެ ފުރަތަމަ މިޚިދުމަތް ހޯއްދެވި އިސަރައްވެހިންނާއި ލައިސަންސް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހްމާނު ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރއެވެ.