ލ. އިސްދޫ ކައުންސިލުން ލ. އިސްދޫ ސިއްޙީމަރުކަޒުގެ ސީނިއަރ މެނޭޖްމަންޓާއިއެކު ބައްދަލުވުމެއް ބާއްވައިފި

ލ. އިސްދޫ ކައުންސިލުން ލ.އިސްދޫ ސިއްޙީމަރުކަޒުގެ ސީނިއަރ މެނޭޖްމަންޓާއިއެކު ބައްދަލުވުމެއް ބާއްވަވައިފިއެވެ. މިބައްދަލުވުން ކުރިޔަށްދިޔައީ އިސްދޫ ކައުންސިލްގެ ކޮންފަރެންސް ހޯލުގައެވެ. މިބައްދަލުވުމުގައި އިސްދޫ ސިއްޙީމަރުކަޒުގެ ފަރާތުން ސިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އިން ހެލްތް ސަރވިސް އަލްފާޟިލް އަޙްމަދު އާސިމްގެ އިތުރުން ސީނިއަރ މެނޭޖްމަންޓްގެ އެހެން ބައެއް ބޭފުޅުން ބައިވެރިވެލެއްވިއެވެ. އަދި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް އާދަމް ނަސީމް އާއި ކައުންސިލް ބައެއް އެހެން މެމްބަރުންގެ އިތުރުން ސީނިއަރ އެހެން މުވައްޒަފުންވެސް ބައިވެރިވެލެއްވިއެވެ.

މިބައްދަލުވުމުގައި އިސްދޫ ސިއްޙީމަރުކަޒުގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އިސްދޫ ސިއްޙީމަރުކަޒަށް މިވަގުތު ދިމާވެފައިވާ މައްސަލަތަކާއި، ރައްޔިތުންގެ ފަރާތުން ލިބެމުންދާ ސަކުވާތަކާއި އަދި އިސްދޫ ސިއްޙީމަރުކަޒު އިތުރަށް ތަރައްޤީކުރުމާއި ގުޅޭ ކަންކަން ހިމެނެއެވެ. މިބައްދަލުވުގައި ކައުންސިލްގެ ފަރާތުންވަނީ އިސްދޫ ސިއްޙީމަރުކަޒަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކައުންސިލްގެ ފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ތަފްސީލްތައް ސިއްޙީމަރުކަޒާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން ސިއްޙީމަރުކަޒުގެ މައްސަލަތައް ހައްލުކުރުމަށް ކައުންސިލްގެ 2022 ން 2026 އެކުލަވާލައިފައިވާ ތަރައްޤީގެ ޕްލޭންގައި ހިމެނިފައިވާ ކަންކަން ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ހާސިލްކުރުމަށް ސަރުކާރާއި ގުޅިގެން އަވަސް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިވާކަން ކައުންސިލްގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.