ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުން

2023 ވަނަ އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ލ.އިސްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން ހައްދުންމަތީ އިސްދޫ ކައުންސިލް އަދި ހައްދުންމަތީ އަތޮޅު ކައުންސިލް ގުޅިގެން ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފިއެވެ. މިގޮތުން ފުރަތަމަ ރަށުގެ ހުރިހާ ރައްޔިތުންނާއި އަދި މުވައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވިއެވެ. 16 އޮކޮޓޫބަރު 2023 ގައި މިދުވަސް ފާހަގަކޮއްފައިވަނީ ވަރަށް ކުލަގަދަކޮށްށެވެ. މިގޮތުން މިމައުރަޒްގައި ވަނީ 9 މޭޒް ބެހެއްޓިފައެވެ. އަދި ހަމަ ގިނައަދަދަކައް މިމައުރަޒަށް މީހުން ޒިޔާރަތްކޮށް މައުރަޒްގައި ބެހެއްޓިފައިވާ ކާބޯތަކެތި ވަނީ ގަނެފައެވެ.

 

މައުރަޒް ހުޅުވާދެއްވީ ހައްދުންމަތީ އަތޮޅުކައުންސިލްގެ ސެކްރަޓަރީޖެނެރަލް ޔޫސްފް ޢާމިރު އަދި ލ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓާރ އޮފް ޕޮލިސް ޢަބްދުލްހަފީޘް އިބްރާހީމް އެވެ. މި މައުރަޒް ކުރިއަށް ގެންގޮސްފައިވަނީ 16 އޮކްޓޫބަރ 2023 ވީ ހޯމަ ދުވަހު ހަވީރު 16:00 ގައި އިސްދޫ ސްކޫލްގެ މަލްޓިޕާރޕަސް ހޯލްގައެވެ. މިމައުރަޒް ގައި ލ.އޮތޮޅު ކައުންސިލްގެ މުވައްޒަފުންނާއި، ލ.ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި، ލ.ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ އިތުރުން ގިނަ އަދަދެއްގެ ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

މިމައުރަޒް ގައި ގިނަ އަދަދެއްގެ ތަފާތު ވައްތަރުގެ ފައިދާހުރި ކާބޯތަކެއްޗާއި، މިރަށައް ހާއްސަ ކުރެވިފައިވާ ތަކެއްޗާއި ލ އަތޮޅަށް މަސްހޫރު ކާބޯތަކެތިވަނީ ބަހައްޓާފައެވެ. މިހުރިހާ ކާބޯތަކެއްޗަކީވެސް ރަށުގައި ތައްޔާރުކޮށްފައިވާ ކާބޯތަކެއްޗެވެ.

އ.ތ.މ ކޮމިޓީގެ ފަރާތުން މިމައުރަޒައް ޒިޔާރަތްކުރި ހުރިހާފަރާތްތަކައް 500 ރުފިޔާގެ ލަކީޑުރޯއެއް ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން މިމައުރަޒަށް ޒިޔާރަތްކުރި ހުރިހާ ފަރާތްތަކުންވެސް ވަނީ މިލަކީޑުރޯގައި ބައިވެރިވެފައެވެ.

 

މި ލަކީޑުރޯގައި ގުރުއަތުން ހޮވުނު 3 ފަރާތަކައް 500 ރުފިޔާ ވަނީ ދީފައެވެ.