ކައުންސިލުން އިސްނަގައިގެން ރަށުގެ މުވައްސަސާތަކާއި، ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކާއިއެކު މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުން
ކައުންސިލުން އިސްނަގައިގެން ރަށުގެ މުވައްސަސާތަކާއި، ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކާއިއެކު މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ. މިހަރަކާތުގައި ރަށުގެ ހުރިހައި މުވައްސަސާތައް ކަމުގައިވާ އިސްދޫ ޕޮލިސް ސްޓޭޝަނާއި، އިސްދޫ ފެނަކަ ބްރާންޗާއި، އިސްދޫ ހެލްތް ސެންޓަރގެ އިތުރުން އިސްދޫ މެޖިސްޓްރޭޓް ކޯޓުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން އެމް.ޓީ.ސީ.ސީ އިސްދޫ ޓްރާންސްޕޯޓް ލިންކާއި، އ.ތ.މ ކޮމިޓީއާއި އެސްޓީއޯ އިސްދޫ ފާމަސީގެ އިތުރުން އިސްދޫ ސްކޫލުންވެސް ވަނީ ބައިވެރިވެފައިވެއެވެ. މިހަރަކާތުގައި ރަށުގައި ހަރަކާތްތެރިވާ ކުލަބް ޖަމްޢިއްޔާތައް ކަމުގައިވާ އިސްދޫ ޔޫތް ޑިވެލޮޕްމަންޓާއި، އިސްދޫ ޑިވެލޮޕްމަންޓް ސޮސައިޓީގެ އިތުރުން ފޮއި ކުލަބްގެ ބައިވެރިވުން ފެނިގެންގޮސްފައިވެއެވެ.
މިއަހަރުގެ ކުޑަކުދިންގެ ދުވަސް މިފަދަ ކުލަގަދަ ގޮތެއްގައި ކާމިޔާބު ކަމާއިއެކު ފާހަގަކުރެވުނީ، ރަށުގެ ހުރިހައި މުވައްސަސާތަކުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމާއި އެކުގައިކަން، ހަރަކާތް ނިންމާލުމުގެގޮތުން ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލް ދެއްވި ބަސްދީގަތުމެއްގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ކައުންސިލުން ރާވާ މިފަދަ ހަރަކާތްތަކުގައި ރަށުގެ މުވައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި މުވައްސަސާތަކުގެ ވެރިންނާއި އަދި މުވައްޒަފުންގެ އިތުރުން ކުލަބް ޖަމްޢިއްޔާތަކަށްވެސް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ. އަދި މިހަރަކާތުގައި ޚާއްސަ ސްޕޮންސަރެއްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެއްވި އަލްފާޟިލާ ހައްވާ އިނާ އަދި ބްރަދަރހޫޑް ގްރޫޕުގެ އިތުރުން މަޝްހޫރު ޓިކްޓޮކް ތަރި ސިނާނުގެ ބައިވެރިވުން ފާހަގަކޮށް ޝުކުރު ދަންނަވާފައިވެއެވެ.
“ނިމިދިޔަ 2022 ވަނަ އަހަރުގައިވެސް ކުޑަކުދިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން އަޅުގަނޑުމެން ކައުންސިލުންވާނީ ފާހަގަކޮށްފައި. މިފަދަ ދުވަސްތައް ފާހަގަކުރުމަކީ ކައުންސިލްގެ އެކްޝަން ޕްލޭނުގައި ހިމަނާފައި އޮންނަ ކަމެއްކަމުން، މިއަހަރުގެ ކުޑަކުދިންގެ ދުވަސްވެސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ކައުންސިލްގެ ބަޖެޓުން ހަތަރުހާސް ރުފިޔާ ޚަރަދުކޮށް، އިތުރު ސްޕޮންސަރުންގެ އެހީތެރިކަން ހޯދުމަށް ކުޑަކުދިންގެ ދުވަސް ފާހަގަކުރުމާއި ގުޅޭގޮތުން ކައުންސިލުން ނިންމުމެއް ނިންމާފައިވާނެ” ރައީސްގެ ބަސްދީގަތުމުގައި ފާހަގަކުރެއްވިއެވެ.