ލ. އަތޮޅު
O01 ލ. އިސްދޫ
ޕޯސްޓް ކޯޑު: 15011
ބިމުގެ ބޮޑުމިން: 358.6 ހެކްޓަރ
ލ. އިސްދޫ އަކީ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ލާމު (ލ) އަތޮޅަށް ނިސްބަތްވާ އަތޮޅުގެ ފެށޭ ރަށެވެ(O-1). މިއީ ރާއްޖޭގެ ނިސްބަތުން ބިން ބޮޑު ރަށެކެވެ. ބިމުގައި 358.6 ހެކްޓަރ ހުންނަ އިސްދޫގައި ޖުމްލަ 1422 މީހުން ދިރިއުޅެއެވެ. އޭގެ ތެރޭގައި 731 އަކީ ފިރިހެނުންނެވެ. އަދި 691 އަކީ އަންހެނުންނެވެ. އިސްދޫގައި އިމާރާތްކޮށް މީހުން ދިރިއުޅޭ 169 ގެއާއި، އިމާރާތްކޮށް މީހުން ދިރުނޫޅޭ 57 ގެއާއި، ދައުލަތުގެ ބިމާއި އިމާރާތް 30 އަދި ދިރިއުޅުމަށް ދޫކުރެވިފައިވާ 285 ހުސްގޯތި އޮވެއެވެ. އެއާ އެކު 3 ޖަމްޢިއްޔާ އަދި 1 ކުލަބް މިރަށުގައި މިހާރު ހަރަކާތްތެރިވެއެވެ. އާމްދަނީ ހޯދުމަށްޓަކައި ރަށުގެ 65 އިންސައްތަ މީހުން ކުރަނީ ދަނޑުވެރިކަން، 20 އިންސައްތަ މީހުން ކުރަނީ މަސްވެރިކަން އަދި 15 އިންސައްތަ މީހުން އެހެނިހެން މަސައްކަތްތައް ކޮށްއުޅެއެވެ.
ކަރަންޓްގެ ހިދުމަތް އިސްދޫގައި ދެމުންދަނީ ފެނަކަ ކޯޕަރޭސަން ކުންފުނީގެ ފަރާތުންނެވެ. އަދި ސަރުކާރާއި ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ޖައިކާ އިން 2006 ވަނަ އަހަރު އިސްދޫގައި ގާއިމްކޮށްދެއްވާފައިވާ ނަރުދަމާގެ ހިދުމަތް ވެސް މިހާރުދެމުން ގެންދަނީ ފެނަކަ ކޯޕަރޭސަންގެ ބެލުމުގެ ދަށުންނެވެ. 2015 ވަނަ އަހަރު ޔޫއެންޑީޕީގެ ލެކްރެޑް ޕްރޮޖެކްގެ ދަށުން ކުނިކޮށްޓެއް ޤާއިމުކުރެވި ރަށުގައި ކުނިނައްތާލާނެ ރަނގަޅު ނިޒާމެއް ވަނީ ގާއިމްކުރެވިފައެވެ. އިސްދޫގައި ގުރޭޑް 10 އެއް އާއި ހިސާބަށް ކިޔަވައިދޭ ސާނަވީ 01 ސުކޫލް ހުރެއެވެ.
މިރަށުގައި އާޘާރީ ގޮތުން ފާހަގަކޮށްލެވޭ “އިސްދޫ ބޮޑު ހައްތެލި” ކިޔާ އުސްގަނޑަކާއި، “އިސްދޫ ކުޑަ ހައްތެލި” ކިޔާ ސަރަޙައްދެއް އޮވެއެވެ. ރަށުގެ އުތުރު ފަރާތުގައި އޮންނަ އިސްދޫ ބޮޑު ހައްތެލީގެ ވަށަމިނުގައި 360 ފޫޓު އަދި އުސްމިނުގައި 45 ފޫޓު ހުރެއެވެ. މި ތަނަކީ، އިހުޒަމާނުގެ ބުޑިސްޓު ދީނީ އެކުވެންޏެއް ހުރި ތަނެކެވެ. އިސްދޫ ކުޑަ ހައްތެލީގެ ވަށަމިނުގައި 216 ފޫޓު އަދި އުސްމިނުގައި ގާތްގަނޑަކަށް 14 ފޫޓު ހުރެއެވެ. މި ތަންތަނުގެ ވަށައިގެން ލާފައިހުރި ފާރުގެ ބައިތައް މިހާރުވެސް ފެންނަން ހުރެއެވެ. ދިވެހި ތާރީޚުގެ މުހިންމު ލިޔުމެއް ކަމަށްވާ އިސްދޫ ލޯމާފާނު ނިސްބަތްވަނީ މިރަށަށެވެ.