ރައްޔިތުންގެ ބައްދަލުވުން ޖުލައި 2024

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ނަންބަރ:7/2010) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޖުލައި މަހު ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވަންޖެހޭ ބައްދަލުވުން ހައްދުންމަތީ އިސްދޫ ކައުންސިލް އިދާރާއިން ބާއްވައިފިއެވެ. މިބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ 31 ޖުލައި 2024 ވީ ބުދަދުވަހުގެރޭ 20:30 ގައި ހައްދުންމަތީ އިސްދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައެވެ. މިބައްދަލުވުން ކީރިތި ޤުރުއާނުގެ ބަރަކާތުން ފައްޓަވައި ދެއްވީ އިސްދޫ އިނާރާ މިސްކިތު އިމާމު އަލްފާޟިލް އަލީ މުޙްތާޒުއެވެ.

އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް ފާތިމަތު ޒަލީމާ މިބައްދަލުވުން ހުށަހަޅައި ދިންއިރު މިބަދަލުވުމުގައި ރައްޔިތުންނަށް ހުށަހަޅަންޖެހޭ 2025 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލު އަދި 2025 ވަނަ އަހަރަށް ލަފާކުރާ ކައުންސިލްގެ ބަޖެޓް ހުށަހަޅައިދިނީ ސީނިއަރ ކައުންސިލް އޮފިސަރ ފާތިމަތު ފިރުސާއެވެ. މީގެއިތުރުން ރައްޔިތުންގެ ސުވާލުތަކަށް ކައުންސިލުން ޖަވާބުދިނުމާއި ރައްޔިތުންގެ ހިޔާލު ހޯދުންވެސް މިބައްދަލުވުމުގައިވަނީ ކުރިޔަށް ގެންގޮސްފައެވެ.

މީގެއިތުރުން މިބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު 4 ފަރާތަކަށް ވަނީ އިނާމު ހާވާލުކޮށްފައެވެ.

މިބައްދަލުވުމުގައި ގިނައަދަދަކަށް ޢާއްމުރައްޔިތުން ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ. މިބައްދަލުވުމުގައި ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލްއާއި ކައުންސިލަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލްގެ މުވައްޒަފުން ބައިވެރިވިއެވެ. މިބައްދަލުވުން ނިމިގެން ބައިވެރިންގެ ޝަރަފުގައިއޮތް ފަރިއްކޮޅެއް ކައުންސިލްގެ ގޯތިތެރޭގައި ކުރިޔަށްދިޔައެވެ.