އައި.ވައި.ޑީ ކަޕްގައި ކައުންސިލުން ވާދަކުރި ޓީމްތަކަށް ލިބުނު ކާމިޔާބީ ފާހަގަކޮށްފި

އިސްދޫ ޔޫތް ޑިވެލޮޕްމަންޓް (އައި.ވައި.ޑީ) ގެ ފަރާތުން ބޭއްވި އައި.ވައި.ޑީ ކަޕް ގައި ލ.އިސްދޫ ކައުންސިލްގެ ފަރާތުން ވާދަކުރި ފިރިހެނުންގެ ފުޓްސަލް ޓީމް އަދި އަންހެނުންގެ ހޭންޑް ބޯޅަ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކޮށްފިއެވެ. މިކަން ފާހަގަކުރުމަށް އިސްދޫ އިސްފަންނު ސަރަހައްދުގައި ބޭއްވި ހަފްލާ ސަރަފުވެރިކޮށްދެއްވީ އިސްދޫ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ ހައްވާ ނަޒީހާ އަދި ކަލައިދޫ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މޫސާ ނާޒިމްއެވެ. އައި.ވައި.ޑީ ކަޕްގައި ކައުންސިލްގެ ފިރިހެން ޓީމް ވަނީ ރަނަރއަޕް ކަން ހޯދާފައެވެ. އަދި ހޭންޑް ބޯޅަ ޗެލެންޖުގައި އަންހެން ޓީމް ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. މިހަފްލާގައި ވަނީ ކައުންސިލަށް ރީތިނަން ހޯދައިދިނުމަށް ޓީމްތަކުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުންކުރި މަސައްކަތް ފާހަގަކޮށް އެފަރާތްތަކުގެ އަގު ވަޒަންކޮށްފައެވެ.