ހައްދުންމަތީ އިސްދޫ ކައުންސިލްގެ ލޯގޯ، ދިދަ، ކާޑް އަދި ޔުނީފޯމް އިފްތިތާޙްކުރުން

ހައްދުންމަތީ އިސްދޫ ކައުންސިލްގެ ލޯގޯ، ދިދަ، ކާޑް އަދި ޔުނީފޯމް އިފްތިތާޙްކުރުން ކުރިޔަށް ގެންގޮސްފިއެވެ. ކައުންސިލްގެ ލޯގޯ، ދިދަ، ކާޑް އަދި ޔުނީފޯމް އިފްތިތާޙްކުރުމަށް ކައުންސިލްގެ ކޮންފަރެންސް ހޯލްގައި މިރޭ ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ލ.އިސްދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ހައްވާ ނަޒީހާއެވެ.

ކައުންސިލުގައި ބޭނުންކުރުމަށް މިއިފްތިތާޙް ކުރެވުނު ލޯގޯ އަދި ދިދަ ފަރުމާކޮށްދެއްވީ ލ.އިސްދޫއަށް އުފަން ދަރިޔެއްކަމުގައިވާ އަލްފާޟިލް އަޙްމަދު ނަދީމް (ނަޑޭ އާރޓީސްޓް) އެވެ.

މިރޭ ބޭއްވުނު މިރަސްމިއްޔާތު ކީރިތި ޤުރްޢާނުގެ ބަރަކާތުން ފައްޓަވައިދެއްވީ އިމާމު އަލްފާޟިލް މުޙައްމަދު އަފްސަލް އެވެ. މިރަސްމިއްޔާތު ހުށަހަޅައިދެއްވީ އެސިސްޓެންޓް ކައުންސިލް އޮފިސަރ އަލްފާޟިލާ އާމިނަތު ނާއިލާއެވެ. މިރަސްމިއްޔާތު ސީނިއަރ ކައުންސިލް އޮފިސަރ ފާތިމަތު ޒަލީމާ ތަޢާރަފު ކޮށްދެއްވިއިރު ރަސްމިއްޔާތުގައި ޝުކުރު ދެންނެވުމުގެ ނަންބަރު ފުރިހަމަކޮށްދެއްވީ ކައުންސިލް އޮފިސަރ އާޢިޝަތު ޒީމާއެވެ. އަދި މިރަސްމިއްޔާތުގައި އިފްތިތާޙްކުރެވުނު ލޯގޯއިން ރަމްޒުކޮށްދޭ މާނަ ހުށަހަޅައިދެއްވީ ކައުންސިލް އޮފިސަރ ފާތިމަތު ފިރުސާއެވެ.

މިރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލްގެ އަމިއްލަ ލޯގޯއާއި، ދިދަ، ކާޑު އަދި ޔުނީފޯމް ބޭނުންކުރުމުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވެވިއެވެ. އަދި ކައުންސިލްގެ ހުރިހައި މުވައްޒަފުންވެސް މިއިފްތިތާޙް ކުރެވުނު ކައުންސިލްގެ ލޯގޯއާއި، ދިދަ، ކާޑު އަދި ޔުނީފޯމަށް އިޙްތިރާމްކުރުމަށް އިލްތިމާސް ކުރެއްވެވިއެވެ.

މިރަސްމިއްޔާތުގައި ސަރަފުވެރި މެހުމާނު ލ.އިސްދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ހައްވާ ނަޒީހާ ދެއްކެވި ވާހަކަފުޅުގައި މިއިފްތިތާޙް ކުރެވުނު ކައުންސިލްގެ ލޯގޯއާއި، ދިދަ، ކާޑު އަދި ޔުނީފޯމް އާއިއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އިތުރު ފިޔަވަޅެއް ކުރިއަށް އެޅުއްވީތީ ހިތްވަރު ދެއްވެވިއެވެ. އަދި މިހާރުވެސް ކައުންސިލްގެ މުވައްޒަފުން ހިނިތުންވުމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތައް ކުރިމަގުގައިވެސް އެގޮތުގައި ދެމެހެއްޓުމަށް އިލްތިމާސް ކުރެއްވެވިއެވެ.

މިރޭގެ ރަސްމިއްޔާތު ނިމިގެންދިޔައީ ޤައުމީ ސަލާމުންނާއި ރަސްމިއްޔާތުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ޝަރަފުގައި ދެވުނު ފަރިއްކޮޅަކާއި އެކީގައެވެ.