ތަޖުރިބާ ހޯދުމާއި މައުލޫމާތު ހިއްސާ ކުރުމުގެ މަޤްސަދުގައި މިކައުންސިލުން ފާފު އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރެއް ކުރުން

މިކައުންސިލްގެ މުވައްޒަފުންގެ ތަޖުރިބާ ދަތުރު 08 ނޮވެމްބަރު ން 10 ނޮވެމްބަރ އަށް ނިލަންދެ އަތޮޅު އުތުރުބުރީގެ ރަށްތަކަށް ވަނީ ކޮށްފައެވެ. މިގޮތުން މިދަތުރުގެ އެންމެ ފުރަތަމަ މަންޒިލް ކަމުގައިވީ ފ. މަގޫދޫއެވެ. މަގޫދޫއަށް ކައުންސިލްގެ ޓީމް ޒިޔާރަތްކުރުމުން ކައުންސިލާއި އތމ ކޮމިޓީގެ ފަރާތުން ވަނީ ވަރަށް ހޫނު މަރްޙަބާއެއް ކިޔާފައެވެ.

. މިކައުންސިލުން ފ. އަތޮޅަށް ކުރި ތަޖުރިބާ ދަތުރުގެ ތެރެއިން ފ.މަގޫދޫ އަށް ޒިޔާރަތް ކުރުންން

މަގޫދޫއަށްކުރި ދަތުރުގައި މަގޫދޫގެ ކައުންސިލާއި އތމ ކޮމިޓީއާއި ބައްދަލުކޮށް ދެކައުންސިލްގެ ތަޖްރިބާވަނީ ހިއްސާކޮށްފައެވެ. މީގެއިތުރުން މަގޫދޫގެ ކައުންސިލާއި އތމ ކޮމިޓީއިން ރަށުގައި ކުރަމުންގެންދާ މުޙިއްމު މަސައްކަތްތައް ބަލައި އެކަންކަމުގެ މަޢުލޫމާތު ހޯދުމާއި ދެކައުންސިލްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމުގެ ފުޓްސަލް މެޗެއްވަނީ ކުޅެފައެވެ.

މީގެއިތުރުން މަގޫދޫއަށްކުރި މިޒިޔާރަތުގައި މަގޫދޫގައި ހުންނަ އިޓަލީގެ ބިކޯކާ ޔުނިވަރސިޓީއަށް ޒިޔާރަތްކޮށް އެތަނުގެ އިސްވެރިންނާއެކުވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

މަގޫދޫއަށްފަހު ދަތުރުގެ ދެވަނަ މަންޒިލަކަށްވީ ބިލެއްދޫއެވެ. ބިލެއްދޫ އަށް ކައުންސިލްގެ ޓީމް ޒިޔާރަތްކުރުމުންވެސް ކައުންސިލާއި އތމ ކޮމިޓީގެ ފަރާތުންވަނީ ވަރަށްހޫނު މަރުހަބާއެއް ކިޔާފައެވެ.

.މިކައުންސިލުން ފ. އަތޮޅަށް ކުރި ތަޖުރިބާ ދަތުރުގެ ތެރެއިން ފ.ބިލެތްދޫ އަށް ކުރި ޒިޔާރަތް

ބިލެއްދޫއަށްކުރި ޒިޔާރަތުގައި ބިލެއްދޫ ކައުންސިލާއި އތމ ކޮމިޓީއާއި ބައްދަލުކުރުމާއި ރަށުގައި ހުރި އާސާރީ ތަންތަނަށް ޒިޔާރަތްކޮށް ކައުންސިލާއި އތމ ކޮމިޓީގެ ފަރާތުން ރަށުގައި ހިންގާ މުޙިއްމު މަސައްކަތްތައް ވަނީ ބަލާފައެވެ.

ބިލެއްދޫއަށްފަހު ކައުންސިލްގެ ޓީމް ދެން ދަތުރުކުރީ ދަރނބޫދޫއަށެވެ. ދަރަނބޫދޫއިންވެސް ވަނީ ކައުންސިލްގެ ޓީމަށް ހޫނު މަރްޙަބާއެއް ކިޔާފައެވެ. ދަރަނބޫދޫ ކައުންސިލާއި އތމ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލާއި އތމ ކޮމިޓީއިން ރަށުގައި ކުރަމުންގެންދާ މުޙިއްމު މަސައްކަތްތަކުގެ މަޢުލޫމާތު ހޯދައި ރަށުގައި ހުރި މުޙިއްމު ތަންތަނަށް ވަނީ ޒިޔާރަތްކޮށްފައެވެ. މީގެއިތުރުން ދެކައުންސިލްގެ ދެމެދުގައި އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެވުނެވެ.

ދަތުރުގެ އެންމެ ފަހު މަންޒިލަކަށްވީ ފ. ނިލަންދޫއެވެ. ނިލަންދޫއަށް ކައުންސިލްގެ ޓީމް ޒިޔާރަތް ކުރުމުން މަރްޙަބާ ދެންނެވީ ކައުންސިލާއި އތމ ކޮމިޓީގެ ފަރާތުންނެވެ. މިޒިޔާރަތުގައި ކައުންސިލާއި އތމ ކޮމިޓީއާއި ބައްދަލު ކުރުމާއި ދެކައުންސިލްގެ ދެމެދުގައި ތަޖުރިބާ ވަނީ ހިއްސާކޮށްފައެވެ. މީގެއިތުރުން ނިލަންދޫއަކީ ތާރީޚީގޮތުން ފާހަގަކޮށްލެވޭ ރަށަކަށްވާތީ ރަށުގައިހުރި މުޙިއްމު އާސާރީ ތަންތަނަށްވަނީ ޒިޔާރަތްކޮށް އެތަންތަނުގެ މަޢުލޫމާތު އެއްކޮށްފައެވެ.

 

ކައުންސިލްގެ ޓީމް ނިލަންދެއަތޮޅަށް ކުރި ތަޖުރިބާ ދަތުރުގައި ނިލަންދެއަތޮޅުގެ ރަށްތަކުން ކީ ހޫނު މަރްޙަބާއާއި ދެއްވެވި މެޙްމާންދާރީއާއި އަދި ބެހެއްޓެވި ގާތްކަމަށްޓަކައި ކައުންސިލްތަކަށާއި އތމ ކޮމިޓީ އަދި ރަށްތަކުގެ ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ކައުންސިލުން ދެކޭގޮތުގައި ތަޖުރިބާ ދަތުރުގެ މަޤްސަދު ޙާސިލްކުރެވުނީ ރަށްތަކުގެ ކައުންސިލްތަކުންނާއި އތމ ކޮމިޓީއާއި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުންނެވެ.