ކުންޏާއިމެދު އާއްމުން ހޭލުންތެރިކުރުމަށް ހިންގުނު ޚަރަކާތް

އިސްދޫ ކައުންސިލުން ކާމިޔާބު ކަމާއިއެކު ކުރިޔަށްގެންދާ ރައްކާތެރިކަމާއިއެކު ކުނި ނައްތާލުމުގެ މަޝްރޫޢުގެ ދަށުން އާއްމުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ކުނިއެޅުން މަނާ ސަރަހައްދުތަކެއްކަން އަންގައިދޭ ބޯޑްތަކެއް ޖެހުމުގެ ޚަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ. މިޚަރަކާތުގެ ތެރެއިންވަނީ ރަށުގެ އެކި ސަރަހައްދުތަކުގައި ކުނިއެޅުން މަނާކަން އަންގައިދޭ ބޯޑްތަކެއް ޖަހައިފައެވެ. ކައުންސިލްގެ އެދުމަކީ މިބޯޑްތައް ޖަހާފައިވާ ސަރަހައްދުތަކާއި އަދި މިބޯޑްތައް ހިމެނޭ ކައިރި ސަރަހައްދުތަކަށް އެއްވެސް ފަރާތަކުން ކުނިނޭޅުމެވެ.

އިސްދޫ ކައުންސިލުން ހިންގަމުންގެންދާ އިސްދޫ ކައުންސިލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޚިދުމަތް ފެށުނީ 2017 ވަނަ އަހަރުން ފެށިގެންނެވެ. މިޕޮރޮޖެކްޓަކީ ޔޫ.އެން.ޑީ.ޕީގެ ޕްރޮޖެކްޓެއް ކަމުގައިވާ ލެކްރެޑްގެ ތެރެއިން ކައުންސިލުން ޕްރޮޕޯސަލް ހުށަހަޅައިގެން ކާމިޔާބުކުރި ގްރާންޓެއްގެ ތެރެއިން ކައުންސިލުން ކާމިޔާބު ކަމާއިއެކު ކުރިޔަށްގެންދާ މަޝްރޫޢެކެވެ. ކައުންސިލްގެ ކުނިކޮށީގެ ހިސާބުތަކަށް ބަލާއިރު ރަށުގެ 213 ގޭބިސީއަކުންނާއި ފިހާރަ ހޮޓާތަކާއި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތައް ހިމެނޭގޮތަށް އިތުރު 21 ތަނަކުން ކުނިނެގުމުގެ މަސައްކަތް ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ކުރިޔަށް ގެންދެއެވެ. މިގޮތުން ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެދުވަހަކުވެސް މިތަންތަނުން ކުނިނެގުމުގެ މަސައްކަތް ކުރިޔަށް ގެންދެއެވެ.

މިވަގުތު ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ކުނިނެގުމުގެ މަސައްކަތުގައި 05 މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. ކައުންސިލުން ފާހަގަކުރާ ގޮތުގައި ރަށުގެ ކުނިމެނޭޖްކުރުމަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތަކީ ރަށުގެ ރައްޔިތުން ބަލައިގަންނަ ކާމިޔާބު މަސައްކަތެކެވެ. އަދި މިމަސައްކަތް ކާމިޔާބު ކަމާއިއެކު ކުރިޔަށް ގެންދިޔުމަށް ރަށުގެ ޢާއްމު ރައްޔިތުން ދެއްވާ އެއްބާރުލުން ކައުންސިލުން ފާހަގަކުރެއެވެ.